Saturday, March 3, 2012

ނޯސަރުކާރު- ބަޓް ސަރުކާރު



ނަޝީދާ އޭނާގެ ބައިވެރިން ސަރުކާރު ގަބޫލެއް ނުކުރެއެވެ. ކެބިނެޓް ގަބޫލެއް ނުކުރެއެވެ. އެހެންވީމާ ކެބިނެޓުގައި ތިބީ އެތަނަށް ވެރިވެގަނެގެން ތިބިމީހުންނެވެ. އެމީހުން އައްޔަންކުރި ރައީސް ވަހީދަކީ ބޮޑު ބާޣީއެވެ. އެމްޑީޕީ ގަބޫލުކުރާ ހަމައެކަނި މުވައްސަސާއަކީ ރައްޔިތުންގެ މަޖިލީހެވެ. އެކަން މުހައްމަދު ނަޝީދު ވަނީ އެތައް ފަހަރެއްގެ މަތިން ބުނެފައެވެ. ޕޯޑިއަމްގައި އޭނާގެ ސަޕޯޓަރުންވެސް ވަނީ ކަރުން ލޭރަހަލާ ވަރަށް އެވާހަކަ ބުނެފައެވެ.
މަޖިލީހުގެ މެންބަރުން ސަރުކާރުން މުސާރަ ދިނީތީ މުސާރަ ނަގައިފިއެވެ. މުސާރަ ނަގަން ސަރުކާރު ގަބޫލު ކޮށްފިއެވެ. ވަހީދުއެއީ ބާޣީއެކޭ ކިޔައި މަޖިލީހުގައި ރާމާމަކުނުގެ މިސާލު ދެއްކި ހުރިހާ މެންބަރުންވެސް 1 މާޗް 2012 ވީ ބުރާސްފަތި ދުވަހު، އާދެ! މަޖިލިސް ޒުލަކަށް ހަދައިލި ދުވަހުގައި ތިބީ ވަހީދު ހުއްދަ ދިންފަރާތަކުން ސޮއިކުރި ޗެކަކުން މުސާރަ ލިބުނު މީހުންނެވެ.
މުސާރަ ނަގަންވީމާ ވަހީދު އެއީ ރައީސުލް ޖުމްހޫރިއްޔާއެވެ. ކިހާ އަމިއްލަ އެދުން ބޮޑު ހެއްޔެވެ. ފައިދާއާ ހެދި ބޫތުކައި އަމިއްލައަށް ދައްކާ ވާހަކައިގެ ދެކޮޅު ނުބެލެއެވެ، އެތިބީ ސޯޓު ބޭލުވިފައެވެ.
ކަރަޕްޝަނުން މަސްތުވެފައިވާ ބޮޑެތި ގޯތިތަކާއި ކާރުތަކުގެ ދަހިވެތިކަމުގައި އުޅޭ މީހުން ރޭގަނޑު ޖަލްސާގައި ސަރުކާރު ގައިރު ގާނޫނީކޮށްފައި އަނެއްދުވަހު ސަރުކާރުގައި ތިބޭމީހުންނަށް ގުޅާފައި ސަރުކާރު ސައްހަކަމަށާއި، މަޖުބޫރީ ވާހަކަ ދައްކަނީކަމަށް ބުނެއުޅެއެވެ.
އެންޑީޕީގެ މޮޅު ލޯޔަރު އަފީފާ ޑްރަގުންގެ އައްޕަ ޝާއިރުމެން ހައިކޯޓުން ފެނުނެވެ. ބައެއް މިނިސްޓްރީތަކަށްވެސް ވަންނަތަން ފެނެއެވެ. ކޯޓުތައް ގަބޫލުނުކުރާނަމޭ އަހަރުމެން މިދައްކަނީ މޮޅުވާހަކައޭ ކިޔާއިރު އެތަނަށް ގޮސް އުޅޭނީ އަމިއްލަ ފައިދާއަށެވެ. ޕޯޑިއަމުގައި ދައްކާވާހަކަ ފަހުން ނުދައްކައެވެ. ދައްކާ ވާހަކަ ދިމަލެއްވެސް ނުވެއެވެ. ފައިދާ ވަންޏާ އޯކޭ.
އަންނިވެސް ހަމަ އެހެންނެވެ. މާލޭ ސިޓީ ކައުންސިލު މީނާއަށް ރަނގަޅެވެ. ކުރީގެ މުނިސިޕަލްޓީ ހިންގި އުސޫލުން މަރުކަޒީކޮށް މައިޒާން އަލިނިކު އެވަނީ އަންނިއަށް ރާޅުގަނޑު ދީފައެވެ. ދެންދޭނީ ކޮންތަނެއްކަންވެސް ނޭނގެއެވެ. އެކަމަކު ސިޓީކައުންސިލުވެސް ގޯހެވެ. ރާޅުގަނޑު ދެންޏާ އެތަންވެސް ސައްހައެވެ.
މިމީހުން ސިފައިން ގަބޫލެއް ނުކުރެއެވެ. އެކަމަކު އަންނިގެ ބޮޑީގާޑުންނަށް ސިފައިން ތިބެން ހަމަ ބަރާބަރެވެ. ފުލުހުން ގަބޫލެއް ނުކުރެއެވެ. އެކަމަކު މިމީހުންގެ ބަޔަކު ހިމާޔަތްކުރަންވީމާ ރަނގަޅެވެ.
ދެން އަޅެފަހެ މިއީ ގަމާރުކަމުގެ ހައްދުފަހަޅާފައިވާ، ނޫނީ އަމިއްލަ އެދުމުގައި ހައްދުފަހަނަޅާފައިވާ ބައެއް ތޯއެވެ. މިމީހުންގެ ބުއްދި އެބަހުރިތޯއެވެ.
މިމީހުންގެ މިސާލަކީ ވަކަރުގޭ ކުދިންގެ މިސާލެވެ. މިމީހުންގެ އުސޫލަކީ ޖަނަވާރުންގެ އުސޫލެވެ. ގޮތެއް ފޮތެއް ނޯވެއެވެ. ހަމައެއްލަމައެއް ނޯވެއެވެ.

Monday, February 27, 2012

ނަޝީދުގެ ބަޑީގެ ވާހަކަ

ވެރިކަން ވެއްޓުނީ ބޮލުގައި ބަޑިޖައްސައިގެން މަޖުބޫރު ކޮށްގެން ކަމަށް މުހައްމަދު ނަޝީދު ބުންޏެވެ. އޭގެކުރިން ބުނީ މައުމޫނުގެ ރޭވުމެއްގައި ފުލުހުން ވެރިކަން ވައްޓާލީ ކަމަށެވެ. ދެން ބުނީ ވަހީދުރޭވި ކޫއެއް ކަމަށެވެ. މިހެންގޮސް މިހާރުނަޝީދު ދައްކަވާ ވާހަކަ ގަބޫލު ނުކުރެވޭ ދަރަޖައަށް ވާހަކަ ހިނގައްޖެއެވެ. ބައެއް ވާހަކަ އެއްގޮތަކަށްވެސް ދިމާ ނުވެއެވެ. އެކަމަކު އެވާހަކަ ދައްކާ ކޮންމެ ފަހަރަކު އަތްޖަހާ މީހުންވެސް އުޅެއެވެ.
ބޮލުގައި ބަޑި ނުޖައްސާކަން އެނގުނީ ހަމަ ނަޝީދުގެ ވާހަކައިންނެވެ. ކޫއެއް ނޫންކަންވެސް އެނގެނީ ނަޝީދުގެ ވާހަކައިންނެވެ. ކޫއެއްކަމަށް ޝައްކުކުރެވެނީވެސް ނަޝީދުގެ ވާހަކައިންނެވެ. ބައްލަވާށެވެ. މިއީ ރައްޔިތުންގެ ތެރެއިން އަޑުއަހަންތިބި ބަޔަކަށް އޮޅުން އަރައި، ހަމައެއް ނެތް ވާހަކައަކަށްވަނީ ވެފައެވެ.އިސްތިއުފާގެ ސިޓީ ލިޔުއްވީ ސިފައިން ބޮލުގައި ބަޑިޖައްސައިގެންނެވެ. އެކަމަކު ކެބިނެޓާ ބައްދަލުކޮށް އޭގެފަހުން ސިޓީ ލިޔުއްވާ އަމިއްލަ އަތުންނެވެ. ބަޑިހިފައިގެންތިބީ ހަމަލޮލަށް ނުފެންނަ ޖިންނި ޝައިތޯނުންހެންވެސް ހީވެއެވެ.
ފޮޓޯއިން އިސްތިއުފާގެ މަންޒަރުތައް ތަރުތީބުވެއެވެ.ބަޑިގުދަން ހުޅުވަން ހުއްދަ ނުދިނީމަޔޯ ނުޖެހުނީ. ސުވާލަކީ ސިފައިން ބާޣީވެފައި ތިބިނަމަ ހުއްދައަށް އެދޭނެ ތޯއެވެ. ހަމަ ނުޖެހެއެވެ. ތަހުގީގެއް ކޮށްފިއްޔާ ތަހުގީގުކުރާމީހުން ބޯ ހަލާކުވާނެއެވެ. އެއީ ނަޝީދު އަމިއްލައަށް އެބޭފުޅާ ދައްކާ ވާހަކަ ދިމާނުވެގެންނެވެ. އޭރުން ޖެހޭނީ ނަޝީދު ވަކިން ތަހުގީގުކުރާށެވެ. އެތަހުގީގުން ތަހުގީގެއްވެސް ކުރަންޖެހިދާނެއެވެ. މީނަ މިދައްކާ ވާހަކަ ގަބޫކުރާ ބަޔަކުވެސް އުޅޭނެއެވެ. އަތްޖަހާ ބަޔަކުވެސް އުޅޭނެއެވެ.

Sunday, February 26, 2012

މަގޭ ވޯޓު ކޮބާހޭ؟


ސަރުކާރުދެކެ ރުޅިއައިސްގެން އިލެކްޝަން ކޮމިޝަނަށް ގުޅާފައި ތިމަންނާ މުހައްމަދު ނަޝީދަށް ލީވޯޓު އަނބުރާ ގެނެސްފީމޭ ބުންޏެވެ. ސަރުކާރުގެ އުސޫލުތައް ގޯސްވެގެންނެވެ. ވެރިކަމާމެދު މާޔޫސްވެގެންނެވެ. އަޅުގަނޑު ހިތައް އެރިއެވެ. އެއްލައްކަ މީހުން ގުޅާފައި ބުންޏަސް ފަސް އަހަރުވަންދެން ވެރިކަމުގައި ހުންނާނީ ހަމަ ރައީސް ނަޝީދެވެ. ރިޔާސީ އިންތިހާބުގައި ވޯޓުލީއިރު ދެއްކި މަންޒަރާ ފަހުން ދެއްކި މަންޒަރުގެ ކުލަ ބަދަލުވުމުން ދެކޭގޮތްވެސް ބަދަލުވާނެކަމަށް ރަހުމަތްތެރިޔާ ބުންޏެވެ. ދިމާވާ ގިނަފަހަރު އަނގަމަތީބަހަކަށް އޮންނަނީ ވޯޓު އަނބުރާގެނައިވާހަކައެވެ.

އޭގެ އަހަރެއްފަހެވެ. "ވެއަޒް މައި ވޯޓް.." މިފަދަ ސްލޯގަންތަކާއެކު އެމްޑީޕީ އެތިބީ މަގުމަތިވެފައެވެ. ފަސްއަަހަރު ދުވަހަށް ލީވޯޓު ގެއްލިއްޖެ ކަމަށް ބުނެގެންނެވެ. އަޅުގަނޑުދެކޭގޮތުގައި އެސުވާލު އަމާޒުވަނީ އެންމެ ފަރާތަކާއެވެ. އެއީ ސީދާ ރައީސް ނަޝީދެވެ. އޭގެ ޖަވާބު ދެއްވަންޖެހޭނީ އެމަނިކުފާނެވެ. ވެރިކަން ނުކުރެވިގެން، ނުހުރެވިގެން، ރައްޔިތުންނަށްޓަކައި އިސްތިއުފާ ދެއްވި ރައީސް ނަޝީދުގެ ކިބައިން އެސުވާލުގެ ޖަވާބު ލިބެނީ އެކިފަހަރު އެކިގޮތަށެވެ.

މިސުވާލަށް ޖަވާބު ދޭނީ ކާކު؟

މާލޭ މާފަންނު އުތުރު ދާއިރާގެ މެންބަރު އަބްދުﷲއަބްދުލް ރަހީމާ އެ ސަރަހައްދުގެ ރައްޔިތުން ކުރާ ސުވާލެއް އެބައޮތެވެ. ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައްޔިތުން މެންބަރު އަބްދުލް ގަފޫރާ ކުރާ ސުވާލެއް އޮވެއެވެ. ތޮއްޑޫ ދާއިރާގެ މެންބަރު އަލީވަހީދުއާ ރައްޔިތުން ކުރާ ސުވާލެއް އެބައޮތެވެ. ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީއާއި އެރަށުގެ ރައްޔިތުން ކުރާ ސުވާލެއް އެބައޮތެވެ.

ތިޔަބޭފުޅުން ޕާޓީ ބަދަލު ކުރެއްވިއިރު އަޅުގަނޑުމެންލީ ވޯޓުކޮބައިހޭ؟



އިއްޒަތް އެރުވިގެންވާކަމަށް ގަބޫލުކުރާ މެންބަރުންނޭވެ. ޖަވާބު ދެއްވާށެވެ. ވޯޓުލައިގެން ހޮވުނީމާ ތިޔަ "ހަރާމް ކޯރު" ވެވުނީ ވޯޓުލީ ރައްޔިތުންނަށެވެ. ތިޔަ ދުއްވައިގަނެވުނީ ނުބައި މަގަކުންނެވެ. ހަނދުމަފުޅު އެބަހުރިތޯއެވެ. މާތްﷲ ގަންދީ ހުވާކުރީ ކީއްކުރަން ހެއްޔެވެ؟ ހުރިހާ ވޯޓެއް ބޮލާލާ ޖަހައި ސިޔާސީ ވިސްނުން ވަކިޕާޓީއެއްގެ ވިސްނުމަށް ބަދަލުކޮށް މުޅީން ނަފްސު ތިޔަ ތިއްބެވީ ގައިދުކޮށްފައެވެ. މިނިވަން ހިޔާލުގެ ބަދަލުގައި ފެންނާނީ ހަޑިވެ، ބާވެ، ހިރަފުސްއަރާފައި، އަމިއްލަ އެދުމުގައި ތެމި ފޯވެފައިވާ ވިސްނުމެވެ. ދެންވެސް ބުނެބަލާށެވެ. އަޅުގަނޑުމެންލީ ވޯޓު ކޮބައިހެއްޔެވެ؟

ޕާޓީއަށް ވަނުމާއި، ބަދަލުވުމާއި، މިނިވަންވުން

މިނިވަން ހިޔާލަކީ މިނިވަން ހިޔާލެވެ. އެއީ ސަރުކާރާ އެއްކޮޅު، ނުވަތަ ދެކޮޅު ހިޔާލެއް ނޫނެވެ. އެކަމަކު ސަރުކާރުގެ ހިޔާލަކީ ސަރުކާރާ އެއްކޮޅު ހިޔާލެވެ. އެމީހުން ކޮންމެއެއްޗެއް ބުންޏަށް، ކަމެއްކުރިޔަސް ތާއީދުކުރެވޭނެއެވެ. އިދިކޮޅު ޚިޔާލަކީވެސް އެމީހުން ކޮންމެއެއްޗެއް ބުންޏަށް، ކަމެއްކުރިޔަސް ތާއީދުކުރެވޭނެ ވިސްނުމެވެ.
އަލީވަހީދަކީ މައުމޫނުގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަލްހާނަކީވެސް ހަމަ އެފަދަ ބޭފުޅެކެވެ. ހޮވިވަޑައިގަތީ ޑީއާރުޕީ ޓިކެޓްގައެވެ. މިހާރު އެމްޑީޕީއެވެ. ސުވާލަކީ އޭރުގެ އިދިކޮޅު މީހުން ލީވޯޓު ކޮބައިހޭ؟
މެންބަރު ގަފޫރަށް ދަންނަވަމެވެ. މަނިކުފާނު ހޮވުނީ މިނިވަން މެންބަރެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީކުރުވާށެވެ. އެމްޑީޕީ މީހުންވެސް ފެއިލްކޮށްލާފައި، އޭރުގެ އިދިކޮޅު މީހުންވެސް ފެއިލް ކޮށްލާފައެވެ. ސުވާލަކީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ޣަފޫރަށް ލީ ވޯޓު ކޮބައިހޭ؟
ތިޔަ އިއްޒަތްތެރި މެންބަރުން ބުނެބަލާށެވެ. އަޅުގަނޑުމެންލީ ވޯޓަކީ މިހާރު ތިޔަ ތިއްބެވި ޕާޓީތަކުން ކުރިމަތިލައިގެން ދިން ވޯޓެއް ނޫނެވެ. ތިޔަ ބޭފުޅުން ހީކުރަނީ ރައްޔިތުންނަކީ މޮޔައިންކަމަށް ހެއްޔެވެ؟ ފައިސާކޮޅެއްދީފައި ގަނެވިދާނެ ކަމަށް ހެއްޔެވެ؟ އިމާރާތެއް އަޅައިގެން ހެއްލިދާނެ ކަމަށް ހެއްޔެވެ؟ ހަމަ ހިލާނުވާނެއެވެ.
ހަގީގީ ބާގީން މިހާރު މިއޮތްގެން ކަސްފުވަނީއެވެ. ބުނެބަލާށެވެ. އަހަރުމެންލީ ވޯޓު ކޮބައިހެއްޔެވެ؟

ބޮޑު ބާގީ އަދިވެސް އޮތީ ފިލާ



ބޮޑު ބަގީއަކީ އަލީވަހީދާއި، އަލްހާނު ފަހުމީއާއި، އަދި މެޓްރިކްސް މުހައްމަދާއި، ގަފޫރުފަދަ ބޭފުޅުން ނީލަމުގައި ގަނެލައިގެން ގެންދިޔަ މީހާއެވެ. ނުވަތަ މީހުންތަކެވެ. އެއީ ސަރަނގު އާދަނަށްވިޔަސް މައްސަލައެއްނެތެވެ. އަލީ ވަހީދު ގެއެއް ގަންނަން ހޯދި ފައިސާތައް ދިނީ ކާކު ހެއްޔެވެ. އެމީހަކީ ހަމަ ސީދާ ބާގީއެކެވެ. އަލްހާނު ޗީޕް ކަމުން ބީއެމްޑަބްލިޔު ކާރަކަށް ވިކުނަސް އެއީވެސް ހަމަ ގަތުމެވެ. އެމްޑީޕީ މެންބަރުން އެތިބީ މަގުއޮޅިފައެވެ. އެމީހުންނަށް އަދިވެސް ހަގީގީ ބާގީ ނުހޯދެއެވެ.