ސަރުކާރުދެކެ ރުޅިއައިސްގެން އިލެކްޝަން ކޮމިޝަނަށް ގުޅާފައި ތިމަންނާ މުހައްމަދު ނަޝީދަށް ލީވޯޓު އަނބުރާ ގެނެސްފީމޭ ބުންޏެވެ. ސަރުކާރުގެ އުސޫލުތައް ގޯސްވެގެންނެވެ. ވެރިކަމާމެދު މާޔޫސްވެގެންނެވެ. އަޅުގަނޑު ހިތައް އެރިއެވެ. އެއްލައްކަ މީހުން ގުޅާފައި ބުންޏަސް ފަސް އަހަރުވަންދެން ވެރިކަމުގައި ހުންނާނީ ހަމަ ރައީސް ނަޝީދެވެ. ރިޔާސީ އިންތިހާބުގައި ވޯޓުލީއިރު ދެއްކި މަންޒަރާ ފަހުން ދެއްކި މަންޒަރުގެ ކުލަ ބަދަލުވުމުން ދެކޭގޮތްވެސް ބަދަލުވާނެކަމަށް ރަހުމަތްތެރިޔާ ބުންޏެވެ. ދިމާވާ ގިނަފަހަރު އަނގަމަތީބަހަކަށް އޮންނަނީ ވޯޓު އަނބުރާގެނައިވާހަކައެވެ.
އޭގެ އަހަރެއްފަހެވެ. "ވެއަޒް މައި ވޯޓް.." މިފަދަ ސްލޯގަންތަކާއެކު އެމްޑީޕީ އެތިބީ މަގުމަތިވެފައެވެ. ފަސްއަަހަރު ދުވަހަށް ލީވޯޓު ގެއްލިއްޖެ ކަމަށް ބުނެގެންނެވެ. އަޅުގަނޑުދެކޭގޮތުގައި އެސުވާލު އަމާޒުވަނީ އެންމެ ފަރާތަކާއެވެ. އެއީ ސީދާ ރައީސް ނަޝީދެވެ. އޭގެ ޖަވާބު ދެއްވަންޖެހޭނީ އެމަނިކުފާނެވެ. ވެރިކަން ނުކުރެވިގެން، ނުހުރެވިގެން، ރައްޔިތުންނަށްޓަކައި އިސްތިއުފާ ދެއްވި ރައީސް ނަޝީދުގެ ކިބައިން އެސުވާލުގެ ޖަވާބު ލިބެނީ އެކިފަހަރު އެކިގޮތަށެވެ.
މިސުވާލަށް ޖަވާބު ދޭނީ ކާކު؟
މާލޭ މާފަންނު އުތުރު ދާއިރާގެ މެންބަރު އަބްދުﷲއަބްދުލް ރަހީމާ އެ ސަރަހައްދުގެ ރައްޔިތުން ކުރާ ސުވާލެއް އެބައޮތެވެ. ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައްޔިތުން މެންބަރު އަބްދުލް ގަފޫރާ ކުރާ ސުވާލެއް އޮވެއެވެ. ތޮއްޑޫ ދާއިރާގެ މެންބަރު އަލީވަހީދުއާ ރައްޔިތުން ކުރާ ސުވާލެއް އެބައޮތެވެ. ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީއާއި އެރަށުގެ ރައްޔިތުން ކުރާ ސުވާލެއް އެބައޮތެވެ.
ތިޔަބޭފުޅުން ޕާޓީ ބަދަލު ކުރެއްވިއިރު އަޅުގަނޑުމެންލީ ވޯޓުކޮބައިހޭ؟
އިއްޒަތް އެރުވިގެންވާކަމަށް ގަބޫލުކުރާ މެންބަރުންނޭވެ. ޖަވާބު ދެއްވާށެވެ. ވޯޓުލައިގެން ހޮވުނީމާ ތިޔަ "ހަރާމް ކޯރު" ވެވުނީ ވޯޓުލީ ރައްޔިތުންނަށެވެ. ތިޔަ ދުއްވައިގަނެވުނީ ނުބައި މަގަކުންނެވެ. ހަނދުމަފުޅު އެބަހުރިތޯއެވެ. މާތްﷲ ގަންދީ ހުވާކުރީ ކީއްކުރަން ހެއްޔެވެ؟ ހުރިހާ ވޯޓެއް ބޮލާލާ ޖަހައި ސިޔާސީ ވިސްނުން ވަކިޕާޓީއެއްގެ ވިސްނުމަށް ބަދަލުކޮށް މުޅީން ނަފްސު ތިޔަ ތިއްބެވީ ގައިދުކޮށްފައެވެ. މިނިވަން ހިޔާލުގެ ބަދަލުގައި ފެންނާނީ ހަޑިވެ، ބާވެ، ހިރަފުސްއަރާފައި، އަމިއްލަ އެދުމުގައި ތެމި ފޯވެފައިވާ ވިސްނުމެވެ. ދެންވެސް ބުނެބަލާށެވެ. އަޅުގަނޑުމެންލީ ވޯޓު ކޮބައިހެއްޔެވެ؟
ޕާޓީއަށް ވަނުމާއި، ބަދަލުވުމާއި، މިނިވަންވުން
މިނިވަން ހިޔާލަކީ މިނިވަން ހިޔާލެވެ. އެއީ ސަރުކާރާ އެއްކޮޅު، ނުވަތަ ދެކޮޅު ހިޔާލެއް ނޫނެވެ. އެކަމަކު ސަރުކާރުގެ ހިޔާލަކީ ސަރުކާރާ އެއްކޮޅު ހިޔާލެވެ. އެމީހުން ކޮންމެއެއްޗެއް ބުންޏަށް، ކަމެއްކުރިޔަސް ތާއީދުކުރެވޭނެއެވެ. އިދިކޮޅު ޚިޔާލަކީވެސް އެމީހުން ކޮންމެއެއްޗެއް ބުންޏަށް، ކަމެއްކުރިޔަސް ތާއީދުކުރެވޭނެ ވިސްނުމެވެ.
އަލީވަހީދަކީ މައުމޫނުގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަލްހާނަކީވެސް ހަމަ އެފަދަ ބޭފުޅެކެވެ. ހޮވިވަޑައިގަތީ ޑީއާރުޕީ ޓިކެޓްގައެވެ. މިހާރު އެމްޑީޕީއެވެ. ސުވާލަކީ އޭރުގެ އިދިކޮޅު މީހުން ލީވޯޓު ކޮބައިހޭ؟
މެންބަރު ގަފޫރަށް ދަންނަވަމެވެ. މަނިކުފާނު ހޮވުނީ މިނިވަން މެންބަރެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީކުރުވާށެވެ. އެމްޑީޕީ މީހުންވެސް ފެއިލްކޮށްލާފައި، އޭރުގެ އިދިކޮޅު މީހުންވެސް ފެއިލް ކޮށްލާފައެވެ. ސުވާލަކީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ޣަފޫރަށް ލީ ވޯޓު ކޮބައިހޭ؟
ތިޔަ އިއްޒަތްތެރި މެންބަރުން ބުނެބަލާށެވެ. އަޅުގަނޑުމެންލީ ވޯޓަކީ މިހާރު ތިޔަ ތިއްބެވި ޕާޓީތަކުން ކުރިމަތިލައިގެން ދިން ވޯޓެއް ނޫނެވެ. ތިޔަ ބޭފުޅުން ހީކުރަނީ ރައްޔިތުންނަކީ މޮޔައިންކަމަށް ހެއްޔެވެ؟ ފައިސާކޮޅެއްދީފައި ގަނެވިދާނެ ކަމަށް ހެއްޔެވެ؟ އިމާރާތެއް އަޅައިގެން ހެއްލިދާނެ ކަމަށް ހެއްޔެވެ؟ ހަމަ ހިލާނުވާނެއެވެ.
ހަގީގީ ބާގީން މިހާރު މިއޮތްގެން ކަސްފުވަނީއެވެ. ބުނެބަލާށެވެ. އަހަރުމެންލީ ވޯޓު ކޮބައިހެއްޔެވެ؟
ބޮޑު ބާގީ އަދިވެސް އޮތީ ފިލާ
ބޮޑު ބަގީއަކީ އަލީވަހީދާއި، އަލްހާނު ފަހުމީއާއި، އަދި މެޓްރިކްސް މުހައްމަދާއި، ގަފޫރުފަދަ ބޭފުޅުން ނީލަމުގައި ގަނެލައިގެން ގެންދިޔަ މީހާއެވެ. ނުވަތަ މީހުންތަކެވެ. އެއީ ސަރަނގު އާދަނަށްވިޔަސް މައްސަލައެއްނެތެވެ. އަލީ ވަހީދު ގެއެއް ގަންނަން ހޯދި ފައިސާތައް ދިނީ ކާކު ހެއްޔެވެ. އެމީހަކީ ހަމަ ސީދާ ބާގީއެކެވެ. އަލްހާނު ޗީޕް ކަމުން ބީއެމްޑަބްލިޔު ކާރަކަށް ވިކުނަސް އެއީވެސް ހަމަ ގަތުމެވެ. އެމްޑީޕީ މެންބަރުން އެތިބީ މަގުއޮޅިފައެވެ. އެމީހުންނަށް އަދިވެސް ހަގީގީ ބާގީ ނުހޯދެއެވެ.
.



No comments:
Post a Comment